ސެނެގާލްގެ ޑާކާގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް 2026 ގެ އަންހެނުންގެ 50 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް، ރާއްޖޭގެ ޒުވާން ފެތުންތެރިޔާ އަމްނާ ތަޒްކިޔާ މިރުސާދު ޤައުމީ ރެކޯޑު އައުކޮށްފިއެވެ.
ތަޒްކިޔާ މި އިވެންޓުގެ ރޭސް ނިންމީ 31.04 ސިކުންތުންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު ކުރިން ވެސް އޮތީ އޭނާގެ އަތުގައެވެ. އެއީ މި އަހަރު ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް މުބާރާތުގައި 31.24 ސިކުންތުން ރޭސް ނިންމައިގެން ހެދި ރެކޯޑެކެވެ.
ބަޓަފްލައި އިވެންޓުގެ އިތުރުން ތަޒްކިޔާ ވަނީ 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވެސް ވާދަކޮށްފައެވެ. އެ އިވެންޓުގެ ހީޓް އޭނާ ނިންމީ 28.17 ސިކުންތުންނެވެ. ޖުމުލަ 68 ފެތުންތެރިން ބައިވެރިވި މި އިވެންޓުގައި ތަޒްކިޔާ ވަނީ 28 ވަނަ ހޯދައިފައެވެ.
50 މީޓަރު ފްރީސްޓައިލްގެ ޤައުމީ ރެކޯޑު ވެސް އޮންނަނީ ތަޒްކިޔާގެ އަތުގައެވެ. އެއީ 2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި 27.99 ސިކުންތުން ރޭސް ނިންމައިގެން ހެދި ރެކޯޑެކެވެ.
މިފަހަރުގެ ޔޫތު އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރަނީ ހަމައެކަނި ފެތުމުގައެވެ. ތަޒްކިޔާގެ އިތުރުން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ ލޫތު މުޙައްމަދު ޙުސައިންއެވެ.




