ތަރައްޤީ ނުކޮށް ހުރި ރިސޯޓުތަކާ މެދު އަންނަ ހަފްތާގައި ފިޔަވަޅު އަޅަން ފަށާނެ: މިނިސްޓަރު އަމީން

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްޤީ ނުކޮށް ހުރި ތަންތަނާ މެދު އަންނަ ހަފްތާގައި ފިޔަވަޅު އަޅަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނުހަދާ ހުރި ރިސޯޓުތަކުގެ މައްސަލައަކީ ޒަމާންވީ މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޑިސްޓްރެސް ހާލަތުގައި ނުވަތަ މަސައްކަތް ހުއްޓިފައި 161 ރަށާއި ފަޅު އޮތް ކަމަށެވެ. މީގެ ތެރޭގައި 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ހުއްޓިފައިވާ ތަންތަން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ކުރީގެ ސަރުކާރުތަކުން މި މައްސަލައަށް ފިޔަވަޅު އަޅާފައި ނުވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮންސްޓްރަކްޝަން މުއްދަތު އެކި ދައުރުތަކުގައި އިތުރުކޮށްދިނުމުން އެ ތަންތަނުގެ އެއްބަސްވުން އުވާނުލެވި، ލޭންޑް ރެންޓް ރީޝެޑިއުލް ކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން 500 މިލިއަނާއި 600 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ދައުލަތަށް ނުލިބި އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަމަލީ ގޮތުން ފިޔަވަޅު އެޅުން އޮންނާނީ. އިރާދަ ކުރެއްވިއްޔާމު އެ ފިޔަވަޅުތައް ހަފްތާއެއްގެ ތެރޭގައި ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ތަރައްޤީ ނުކޮށް ގިނަ ދުވަސްވެފައިވާ ތަންތަނާ މެދު ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު ޓޫރިޒަމް މިނިސްޓްރީން ގެޒެޓުގައި ޝާއިޢުކުރީ މިދިޔަ މަހުގެ 10 ގައެވެ. މި ގަވާއިދުގެ ދަށުން، އަށް އަހަރަށްވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން ވަގުތުން އުވާލާނެއެވެ.

މިފަދަ ތަންތަން ހަތަރު ގިންތިއަކަށް ބަހައިގެން މައްސަލަ ހައްލުކުރެވޭނެ ގޮތަށް ގަވާއިދު އެކުލަވާލާފައިވެއެވެ. މަސައްކަތް ފަށައިގެން ކުރިއަށް ނުގޮސް ހުރި ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމުގެ އިންތިޒާމު ވެސް ގަވާއިދުގައި ހިމެނެއެވެ.

ރިއެކްޝަންސް

ކޮމެންޓް