އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ސީއެމްޑީއޭގެ ގަވާއިދުތަކާ އެއްގޮތަށް މި މަގާމަށް ވީހާވެސް ގިނަ އަންހެނުން ކުރިމަތިލުމަށް އެމްޓީސީސީން ވަނީ ބާރުއަޅާފައެވެ. އަދި މި މަގާމަށް މީހުން އިންތިހާބުކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
މަގާމަށް ކުރިމަތިލުމުގެ މައިގަނޑު ޝަރުތުތައް:
-
ހިއްސާދާރުން: ކުންފުނީގެ ހިއްސާދާރަކަށްވުން ނުވަތަ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން.
-
ޤާބިލުކަން: ކުންފުނީގެ ވިޔަފާރިއަށް އަހުލުވެރިވުމާއި، މާލީ ރިޕޯޓުތައް ދިރާސާކުރުމުގެ ޤާބިލުކަން ލިބިފައިވުން.
-
ނަޒާހަތްތެރިކަން: ބަނގުރޫޓުވެފައިވާ ފަރާތެއް ކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާފައި ނުވުމާއި، ސާބިތު ދަރަންޏެއް ނެތުން އަދި ސީއެމްޑީއޭގެ މިންގަނޑުތަކަށް ފެތޭ މީހަކަށްވުން.
އެމްޓީސީސީގެ ހިންގާ ގަވާއިދު ބުނާގޮތުން، އެ ކުންފުނީގެ ބޯޑުގައި ޖުމްލަ 7 ޑިރެކްޓަރުން ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ފަރާތުން ކަނޑައަޅާ 5 ޑިރެކްޓަރުންނާއި، އާންމު ހިއްސާދާރުން އިންތިހާބުކުރާ 2 ޑިރެކްޓަރުންނެވެ.




