ބ. ކެންދޫގައި ބެެހެެއްޓި އެމްއައިބީގެ އޭޓީއެމަށް މީހަކު ހިދުމަތް ހޯދަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބ. އަތޮޅުގެ ތިން ރަށެއް ކަމަށްވާ ކެންދޫ، ގޮއިދޫ އަދި ތުޅާދޫގައި އޭޓީއެމްގެ ހިދުމަތް އަލަށް ފަށައިފިއެވެ.

އެމްއައިބީން މައުލޫމާތު ދޭ ގޮތުގައި މި ތިން ރަށުގައި ގާއިމުކުރެވުނު އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ބޭންކިންގ ހިދުމަތްތައް ލިބެން ހުންނާނެއެވެ. މި ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވީ ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އެ ރަސްމިއްޔާތުތަކުގައި އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާގެ އިތުރުން ބޭންކުގެ އިސްވެރިންނާއި، އެ ރަށްރަށުގެ ކައުންސިލް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޓީއެމްތަކުގެ އިތުރުން، ބ. އޭދަފުށީގައި މީގެ ކުރިން ހިންގަމުން އައި އެމްއައިބީގެ ސޭލްސް ސެންޓަރު އަޕްގްރޭޑްކޮށް، އެ ރަށުގައި ވަނީ އެމްއައިބީގެ ފުރިހަމަ ބްރާންޗެއް ހުޅުވާފައެވެ. މި ބްރާންޗު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ފުރިހަމަ ބޭންކިންގ ހިދުމަތްތަކުގެ އިތުރުން އެކައުންޓް ހުޅުވުމުގެ ހިދުމަތްވެސް ލިބިގެންދާނެއެވެ. އަދި މި ބްރާންޗާއެކު ގާއިމުކުރެވުނު އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާގެ އިތުރުން އެމެރިކާ ޑޮލަރު ޖަމާކުރުމާއި ނެގުމުގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށްވެސް އެމްއައިބީން ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް