އެމްޑީޕީގެ މާލީ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ޝިފާޒު އައްޔަންކޮށްފި

އެމްޑީޕީގެ ހުސްވެފައިވާ މާލީ ކަންކަމާ ގުޅޭ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު އައްޔަންކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ. ޝިފާޒު އެ މަގާމަށް އައްޔަންކުރަން ފާސްވީ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ތާއީދާއެކުގައެވެ.

މީގެ ކުރިންވެސް އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި ޝިފާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލުތަފާތުވުންތަކުގައި އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެ، އެ ޕާޓީގެ ނައިބު ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް، ފަހުން ޑިމޮކްރެޓްސްއިން އިސްތިއުފާދެއްވައި ޝިފާޒު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އެމްޑީޕީގެ މާލީ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢަބްދުالله އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އަޙްމަދު އިސްތިއުފާދެއްވީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ޢަބްދުالله ޝާހިދުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކި ކެންޑިޑޭޓަކަށް ކެމްޕެއިން ކުރެއްވުމަށްވުރެ، މަގާމުން ދުރުވެވަޑައިގަތުމަކީ އިންސާފުވެރި ގޮތެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް